މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާ، އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ހަސަން އަނަސް (22އ)، ދަފްތަރު ނަންބަރު ރސ. 10367، މާލެ، މޫސާ ޝަހީމް (22އ) އަތަގަސްދޮށުގެ، ދޫޑިގަން. ޏ. ފުވައްމުލައް، ހުސައިން ޝަރުވާން (25އ)، އާވެލި، ބ. ގޮއިދޫ، އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.
ފުލުހުން ހިންގި މިއޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 377.39 ގްރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މޫސާ ޝަހީމް އާއި ހުސައިން ޝަރުވާން އަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ނިޝާ ރައި އަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލާގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
