މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑީރު ތެރޭ ޖުމުލަ 28 އުޅަނދެއް ޓޯކޮށްފިއެވެ.

ފުލުހުނ ނެރުނު ތަފާސްހިސާބުން ހާމަވާގޮތުގައި ޖުމުލަ 28 އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އެއީ:

  • ގަވައިދާ ހިލާފަށް ޕާކުކޮށްގެން 18 އުޅަނދު
  • ލައިސެންސް ނެތި ދުއްވި 9 އުޅަނދު
  • ނުރައްކާތެރިކޮށް ދުއްވި 1 އުޅަނދު

މީގެއިތުރުން ފުލުހުން ބުނީ ޖުމުލަ 14 ފަރާތެއް ޖޫރިމަނާވެސް ކުރެވިފައިވާކަމަށެވެ. އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުންނަ އުޅަނދުތައް ނެގުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި ވެސް ގަވާއިދާ ހިލާފަށް ޕާކު ކުރަމުންދާ އުޅަނދުތައް ޓޯ ކުރަމުންދާއިރު އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ނެގުމަށް މި މަހުގެ 1 ވަނަ ދުވަހު ހާއްސަ އިއުލާނެއް ގެޒެޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޖޫރިމަނާއެއް ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ދިޔުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ނުގެންދާ އުޅަނދުތަކާ ގުޅޭގޮތުން އަމަލު ކުރަމުންދާ އުސޫލުގެތެރެއިން އަމަލު ކުރަމުންދާނެ ކަމަށް ވެއެވެ. އެގޮތުން ޓޯ ކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިއުލާންކޮށް އުޅަނދާއި ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވެއެވެ. އަދި އެ މުއްދަތު ތެރޭގައި ވެސް އުޅަނދު އަނބުރާ ނުގެންދާ ނަމަ ގާނޫނާއި ގަވާއިދުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.