ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށް ކަމަށާއި އިންޖީނު މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަން ފާހަގަކޮށް ފުލުހުން ބުނީ މިމައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަކަމަށެވެ.