ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް އެކުލަވާލި އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ފަށައިފިއެވެ.

އެމްއެމްބީސީއިން ކުރި އިއުލާނެއްގައި ބުނީ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުން ތަންފީޒުކުރުމަށްޓަކައި މީޑިއާތަކުގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވާލުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޔޫތު މިނިސްޓްރީއިން އެކުލަވާލައި، މިހާރު ގެޒެޓްކޮށްފައިވާ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު"އަށް ގެންނަން ފެންނަ ބަދަލުތައް އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން މެއިލް ކުރުމަށް އެދިފައެވެ.

އެ އުސޫލަށް ގެންނަން ފެންނަ ބަދަލުތައް ކަނޑައެޅުމަށްޓަކައި މީޑިއާގެ ފަރާތްތަކާއިއެކު މަޝްވަރާ ބައްދަލުމެއް އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00ގައި އެމްއެމްބީސީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް އެ ކޮމިޝަނުން ވަނީ ދައުވަތު އަރުވާފައެވެ.

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް އަމިއްލަ މީޑިއާތަކަށް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.