ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 3 ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެންބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށާއި، މި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގައި ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ވަންނަ ފަރާތްތަކުގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުންކަމަށާއި، ގުރުއަތުލުން ކުރިއަށްދާއިރު ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެ ކަމަށެވެ.

މި ގުރުއަތުލުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަގުތުން ދުރަށް ދައްކާނެކަމަށާއި، ހުޅުމާލެ 3 ވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބުނު ފަރާތްތަކަށް އަންނަ ރޯދަ މަހުގެ ކުރިން އެތަން ނިންމައި ތަޅުދަނޑި ހަވާލު ކުރަން މަސައްކަތް ކުރަަމުން އަންނަ ކަަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

މި ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީގެ ފަރާތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދު ވެވަޑައިގެންނެވި ގޮތަށް ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތައް ހަވާލު ކުރައްވާނެ ކަމަށެވެ.