ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް 2025 ލިބޭ ފަރާތްތައް ހޮވައިފިއެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ.
މި އަހަރު ގްރާންޓް ކާމިޔާބުކުރި ވިޔަފާރިތަކަކީ:
- ރަށި ޕާކް: މިއޫ އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމުކުރުމަށް އިބްރާހީމް މިފްޒާލް ފަޔާޒްއަށް ދޫކުރާ ގަރާންޓެކެވެ. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކްކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މި ޕާކުގައި ކުޑަކުދީން ކުޅުމަށް ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާ، ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރާނެ ކަމަށެވެ،
- ރަށު ޕްލާސްޓިކް ޕްރޮޖެކްޓް އަކީ ވ. ފެލިދޫގައި، މުހައްމަދު މިމްރާހް ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. ބީއެމްއެލް އިން ބުނީ މި ޕްރެޖެކްޓްގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ޕްރޮޑެކްޓްސް އުފެއްދުން ކަމަށެވެ. އެގޮތުން އުކާލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން ސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން އުފައްދާނެއެވެ،
- ލޭޑީބާޑް ކިންޑާގާޑެން އަކީ ޝައްމާ ނަދީމް ހުޅުމާލޭ ފޭސް 2ގައި އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ ކުދީންނަށް އެކުދިންގެ އުމުރާއި ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑް ތަކާ އެއްގޮތަށްދޭ، އިސްލާމިކް އާލީ ލާނިން ސެންޓަރެއް ގާއިމުކުރުމަށް ދޫކުރާ ގްރާންޓެކެވެ.
ބީއެމްއެލް އިން ބުނ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ 2 ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަންއަކަށް ފަހުގައި ކަމަށެވެ. އެގޮތުން ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، 2 ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހަޅާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މިއަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުންވަނީ މިއަހަރު ޖުމްލަ 3 ޕްރޮޖެކްޓަކަށް އެހީ ދެވޭނެކަން ހާމަކޮށްފައެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެންދޭ ހަތަރުވަނަ އަހަރެވެ.
