ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެބޭންކާ، ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން، ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ތަފާތު މުހިންމު ކަންކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތް ކުރާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސާފައިވާއިރު މި ސެޓްލްމެންޓް ފްރޭމްވޯކަކީ ޔޫނިއަންޕޭ އާއެކު މިހާރަށްވުރެ ވަރުގަދަ ގުޅުމެއް ބިނާކުރުމަށް އެޅޭ ބިންގަލެއްކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިފަދަ މުހިންމު ޕްރޮޖެކްޓެއްގައި ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

" މިއީ އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް. ޔޫނިއަންޕޭ ކާޑުތަކުން ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭޏްކެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ޕޭމަންޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމުގެ ރަމްޒެއް." ޝަރީފް ވިދާޅުވިއެވެ.

ބޭންކުގެ ކާޑު މެޝިންތަކުންނާ، މާޗަންޓް ޕޯޓަލްގައި ޔޫނިއަންޕޭ ކާޑުތައް މިހާރުވެސް ބަލައިގަންނާނެެއެވެ. ބީއެމްއެލްގެ މަޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މަޗަންޓުންނަށް ފުރިހަމަ އޮންލައިން މާލީ ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ.