ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނަކަށް އެއްބާރުލުން ނުދިން، މައްސަލައިގައި ހައްޔަރުކުރި އަންހެނަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި، ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ، ކަށިކެޔޮމާގޭ، އަޒްމާ ޝަރީފްއެވެ. އޭނާގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ދައުލަތުން އުފުލާފައިވާއިރު އަޒްމާއާ ދެކޮޅަށް މި މައްސަލައިގައި ހެކިބަސްދިން ފުލުހުން ބުނެފައިވަނީ އެ ފޮށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ ހުރި ކަމަށެވެ.

އެ ފޮށިގަނޑުގައި އެމްޑީއެމްއޭ ހުރުމުން އޭގެ ވެރިފަރާތް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަނިކޮށް އަންހެން ހެދުންތަކަކާއެކު މަސްތުވާތަކެތި ހުރި ފޮށިގަނޑާ ހަވާލުވާން ދިޔައީ އަޒުމާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ ޝަރިއަތުގައި އަޒްމާ، އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިންކާރުކޮށްފައިވާއިރު، އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ރައްޓެއްސަކު ބުނެގެން ކަމަށް އަޒްމާވަނީ ބުނެފައެވެ.

ނަމަވެސް އަޒްމާ މެދުވެރިކޮށް އެ މީހާއާ އެ ފޮށިގަނޑު ހަވާލުކުރަން ކުރި މަސައްކަތަށް އޭނާ އެއްބާރުލުން ނުދިން ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާއިރު ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން އެ ހިސާބުން ނިންމާލައި އޭނާ ހައްޔަރުކުރީކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަޒްމާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 18 އަހަރަށް ޖަލަށްލައި، 75،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ.