ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމުގެ ޓިކެޓަށް ކުރިމަތި ލެއްވީ އެންމެ ބޭފުޅަކު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް އެ ބޭފުޅާގެ ނަމެއް ފަލާހް ހާމައެއް ނުކުރައްވައެވެ.
ފަލާހް ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން މި ހުރީ އެންމެ ކެންޑިޑޭޓެއް ކަމަށާއި ދެން ނުދެންނެވިޔަސް އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ބައެއް ނޫސްތަކުގައި މިހާރުވެއް އެއީ ކޮން ބޭފުޅެއް ކަން ލިޔުއްވާފައި ހުރި ކަމަށް ފަލާހް ވިދާޅުވިއެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައި ވަނީ، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. އެ މަގާމަށް އިތުރު ކެންޑިޑޭޓަކު ކުރިމަތި ނުލާ ކަމުގެ ޔަގީންކަން ޕީއެންސީން ދީފައިވާ އިރު، ޕީއެންސީ ޓިކެޓް މޫސާ އަލީ ޖަލީލަށް މިވަނީ ކަށަވަރުވެފައެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް އެ ޕާޓީން މިދިޔަ މަހު ހުޅުވާލި މުއްދަތު ހަމަވެފައި ވަނީ އިއްޔެއެވެ. 15 ދުވަހުގެ މުއްދަތެއް ފޯމް ހުށަހެޅުމަށް ދީފައިވާ އިރު އެ މުއްދަތުގެ ެތޜޭގައި 13000 ކެންޑީޑޭޓުން ފޯމް ހުށަހަޅާފައި ވެއެވެ.
ފަލާހް ވިދާޅުވީ، މީގެ ކުރިން ލޯކްލަ ކައުންސިލް އިންތިހާބުތަކަށް ބަލާއިރު، ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބަލާއިރު އެއް ޕާޓީއަކުން 80 ޕަސެންޓް ދާއިރާއަށް ކުރިމަތިލިއަސް 90 ޕަސެންޓް ދާއިރާއަށް ވާދަ ނުކުރެވޭ ކަމަށެވެ. ނަމަވެސް ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ 97 ޕަސެންޓް ގޮނޑިއަށް ވާދަކުރާނެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
