ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ދޭ އިހްތިޔާރާއި ބާރު ރައްޔިތުން ބަލައިގަންނަ ކަން ހާމަވެއްޖެ ކަމަށާއި ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ޕީއެންސީން ދައްކަމުން ދަނީ ނަމޫނާ މިސާލެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެ ޕާޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިހްސާންގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް ޕްރައިމަރީގައި ގިނަ އަދަދެއްގެ މެންބަރުން ވާދަކުރާ ކަން ހާމަކުރައްވައި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ މެންބަރުން ވާދަކުރާނެ އިންތިހާބުގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.
ޕީއެންސީ ޕްރައިމަރީގައި މިހާ ގިނަ މެންބަރުން ވާދަކުރަމުން ދިއުމުން އެނގެނީ ރާއްޖޭގައި މި ވަގުތުގައި ސިޔާސީ މަސްރަހުގައި އެކްޓިވްކޮށް އުޅޭ ސީޔާސީ ޕާޓީތަކުގެ ތެރެއިން ޕީއެންސީން ލާމަރުކަޒީ ނިޒާމަށް ދޭ އިސްކަމާއި، ލާމަރުކަޒީ ނިޒާމަށް ދީފައިވާ ބާރާއި އިހްތިޔާރު ރައްޔިތުންނާއި ޕާޓީގެ މެންބަރުން ބަލައިގަންނަ ކަން ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތައް ވެސް ރައްޔިތުންނާއި މެންބަރުން ބަލައިގަންނަމުންދާ ކަން އެކަމުން ދޭހަވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ޕީއެންސީ ދައްކަމުން ދަނީ ނަމޫނާ މިސާލެއް ކަމަށާއި މި ސަރުކާރުގެ ނިންމުންތަކަށް ރައްޔިތުން ތާއިީދުކުރާ މިންވަރު ވެސް ފެނިގެންދާ ކަމަށް އިހްސާން ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ރަށަކުން ވެސް މި ކައުންސިލް އިންތިހާބަށް ކުރިމަތިލާން މެންބަރުން ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވަމުން އިހުސާން ވިދާޅުވީ ރަށްރަށުގެ ކަންކަން ކުރުމަށް ކައުންސިލަށް ލިބެން ޖެހޭ ބާރާއި އިހުތިޔާރު ހޯދުމަށް މަސައްކަތް ކުރަމުން ދަނީ މި ސަރުކާރުގެ ނިންމުންތަކަށް ތާއީދުކުރާތީ ކަމަށެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބަށް ޕީއެންސީން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، މިހާ ބޮޑު އިންތިހާބަކަށް ތައްޔާރުވަމުން އަންނަނީ ޒަމާނީ ވަސީލާތްތަކާއި ފަހުގެ ޓެކްނޮލޮޖީއާ އެކުގައި ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ. އެތެރޭގެ އިންތިހާބުގެ ކަންކަން ވެސް ކުރިއަށް ދާނީ އެންމެން އެކީގައި ގުޅިގެން ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމައެއާއެކު ކެމްޕެއިން ހަރާކަތުގެ ޕްލޭނާއި އެކު އެ ޕްލޭނާ އެއްގޮތަށް އަމަލުކޮށް ޕީއެންސީވެގެން ދާނީ މިފަދަ ބޮޑު ހަރާކާތެއް ހިންގާނެ ގޮތުގެ ނަމޫނާ ދައްކާނެ ޕާޓީއަކަށް ކަމަށް އިހުސާން ވިދާޅުވިއެވެ.
