ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ ރަނގަޅުވެ، ޖުމްލަ އާމްދަނީ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ޑިސެމްބަރު 11 ވަނަ ދުވަހާ ހަމައަށް އެކުލަވާލާފައިވާ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްއިން ދައްކައިފިއެވެ.

ފިސްކަލް ރިޕޯޓްއިން ދައްކާގޮތުގައި ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ތެރެއިން ފާއިތުވި ހަފްތާގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއިންނެވެ. ޓީޖީއެސްޓީއިން 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 14.1 ޕަސެންޓްގެ އިތުރުވުމެކެވެ.

މީގެއިތުރުން ޖުމްލަ ޓެކްސް އާމްދަނީ ވަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 24.7 ބިލިއަން ރުފިޔާއެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް 37.9 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 12.7 ޕަސެންޓްގެ ދަށްވުމެކެވެ. ފިސްކަލް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި ހަރަދުތައް އެންމެ ބޮޑަށް އިތުރުވީ ސަބްސިޑީތަކުގެ ސަބަބުންނެވެ.

ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 6.5 ޕަސެންޓްގެ ދަށްވުމެކެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ 7.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ފާހަގަކޮށްލެވޭ 2 ދާއިރާއަކީ ސިއްހަތާއި ދަތުރުފަތުރެވެ.

އެގޮތުން ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް 443.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 138.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު 219.0 ޕަސެންޓްގެ އިތުރުވުމެކެވެ.

ޕީއެސްއައިޕީގެ އެންމެ ބޮޑު ދާއިރާއަކަށް ދަތުރުފަތުރަށް ކުރާ ހަރަދު ހުރިއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން އެއާޕޯޓާ ގުޅުންހުރި ޕީއެސްއައިޕީ ހަރަދު 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ 3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 4.5 ޕަސެންޓްގެ އިތުރުވުމެކެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 82.5 އިންސައްތައިގެ ދަށްވުމެކެވެ.