ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީތެރިކަމަށް "އެހީ" ޖަމިއްޔާ އިން އެދުނުތާ 24 ގަޑިއިރު ނުވަނީސް 4 ލައްކަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.

ޅ. ނައިފަރަށް އުފަން ޝައިހު އިބްރާހިމްގެ ސިއްހީ ހާލަތު ގޯސްވެފައިވާތާ ދެތިން އަހަރު ވެއްޖެއެވެ. އެގޮތުން ދެލޮލުގެ ފެނުން ގެއްލި އަދި އެހެނިހެން ސިއްހީ މައްސަލަތައް ހުރުމުން މިހާރު މަސައްކަތާ ވެސް ދުރުގައި ޝައިހް އިބްރާހިމް އުޅުއްވާތާ ވެސް އަހަރުތަކެއް ވެއްޖެއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން 2019 ވަނަ އަހަރު އަދި 2023 ވަނަ އަަހަރު ތެރޭ ޝެއިހް އިބްރާހިމް ވަނީ ދެ އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް ލޮލުގެ ފެނުން ވަނީ އެއްކޮށް ގެއްލިފައެވެ. މީގެ އިތުރުން ޝެއިހްގެ ހުރި އިތުރު ސިއްހީ މައްސަލަތަކުގެ ތެރޭގައި ހަށިގަނޑު ތެރޭގައި ޓިއުމަރެއް ހެދިފައި ހުރުމާއި ހިތުގެ މައްސަލަ ވެސް ހިމެނެއެވެ.

އެގޮތުން ޝެއިހްގެ ހާލު ބެލެމަށް އެހީ ޖަމިއްޔާ އިން ވަނީ ނައިފަރަށް ގޮސްފައެވެ. އެހީ ޖަމިއްޔާއިން ހޯދި މައުލޫމާތު ހިއްސާކުރަމުން ބުނީ، ޝައިހުގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް ފުރަތަމަ ދަތުރަށް އެކަނި ވެސް 3 ލައްކަ އަށް ވުރެ ގިނަ ފައިސާ ބޭނުންވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި ފައިސާގެ ތެރޭގައި އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދުވެ ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން ޝެއިހްއަށް އެހީ ވުމަށް އެ ޖަމިއްޔާ އިން ވަނީ "އެދިހަ" ކެމްޕެއިން ނަމުގައި ޕޯޓަލްއެއް ހުޅުވާލާފައެވެ. އެ ޕޯޓަލް މެދުވެރިކޮށް އެހީގެ ގޮތުން ފައިސާ ޖަމާކުރެވޭ ގޮތަށް ހަމަޖއްސާފައިވާ އިރު، މިއަދު ހެނދުނާ ހަމައަށް އައި އިރު 407،949 ރުފިޔާގެ އެހީ ވަނީ ލިބިފައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 1399 އަށް މީހުން އެހީ ފޯރުކޮށް ދީފައިވާ ކަމަށާއި މިހާރު ބޭނުންވާ ވަރަށް ފައިސާ ލިބުމުން ދަތުރަށް ފުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

މަދީނާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައިހް އިބްރާހިމް ވަނީ ނައިފަރުގެ މަދްރަސަތުލް އިފްތިތާހުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އަދި ލޮލުގެ ފެނުން ގެއްލުމާ ހަމައަށް އައި އިރު ގިނަ އަދަދެއްގެ ދީނީ ފޮތްތަކެއް ވެސް ލިޔުއްވާފައި ވެއެވެ އޭނާގެ ބައެއް ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއްސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެއެވެ.