ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ މައްސަލައިގެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލާންކުރި ހުކުމް، އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މި މައްސަލަތައް އޭނާގެ ފަރާތުން މި ދިޔަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލަތައް ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

އަބްދުﷲ މައުމޫން 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުންނެވި އިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާ ވަނީ ސާބިތުވެފައެވެ. އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރާއި 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ބޮޑު އަދަދަކުން ރިޝްވަތު ނެގުމުގެ މައްސަލައެއްގައި، އަބްދުﷲ މައުމޫން (ގޭސް މާނު)ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީއިން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި މައުމޫން އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާކަން، އޭސީސީގެ ތަހުގީގުން ވަނީ އެނގިފައެވެ.