ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުމުގެ މަސައްކަތް ހިނގަމުން ދާކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކުން 'ދަ ޕްރެސް' އަށް ވިދާޅުވީ، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން، ދެފުށް ފެންނަ ނިޒާމަކުން ކުރިއަށް ގެންދިޔުމާއި، ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލު ކަނޑައެޅުމާ ގުޅޭ އެންމެހައި ކަންކަން އެމްއެމްބީސީ އިން ފަށާފައި ވާ ކަމަށެވެ. މިކަމުގައި އެމްއެމްބީސީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވާތީ މަސައްކަތް ކުރިއަށް ދާ ގޮތް 'ދަ ޕްރެސް' އަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އަދި ފައިސާ ދޫކުރާނެ ފަރާތްތައް ކަނޑައެޅިގެން ދިޔުމުން އެ ފައިސާ ދޫކުރާނީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް އަމިއްލަ މީޑިއާތަކަށް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ކުރިން ކުރަމުން ގެންދިޔައީ ޔޫތު މިނިސްޓްރީންނެވެ. އެކަމަށްޓަކައި ޕްރިންޓް އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާއާއި، މީޑިއާއާ ގުޅުންހުރި ޖަމްއިއްޔާތަކުގެ މަޝްވަރާ ހޯދައިގެން މިނިސްޓްރީން އުސޫލެއް އެކުލަވާލިއެވެ. އެ އުސޫލަކީ ދައުލަތުގެ ބަންޑާރަނައިބާއި، އަދި ފިނޭންސް މިނިސްޓްރީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް، ޕޮލިސީ އަދި ކޮމިއުނިކޭޝަން އޮފީހުގެ ބެލުމުގެ ދަށުން ނިންމާ އާންމު ކުރި އުސޫލެއް ކަމަށް، އެ މަސައްކަތް ކުރިން ކުރި ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.

އެއާއެކު މާލީ އެހީތެރިކަން ދިނުމުގެ އެންމެހައި ކަންކަން ކޮށްފައި ވަނީ ކުރީގެ ޓްރޭޑްނެޓް (މިހާރު މައިންޑް ކޯ) އިން ފަރުމާކޮށް ބަލަހައްޓަމުން ގެންދާ އޮންލައިން ޕޯޓަލެއްގެ ތެރެއިން، އެހީތެރިކަމަށް އެދޭ ފަރާތްތަކުން އެހީއަށް އެދި ހުށަހަޅާއިރު، އެފަރާތަކަށް ލިބޭ ޖުމްލަ ޕޮއިންޓާއި ބަޖެޓުން ކަނޑައަޅާފައި އޮންނަ މިންވަރުން އެ މީޑިއާއަކަށް ޖެހޭ އަދަދު ވެސް ވަގުތުން ފެންނަން އޮންނަ ނިޒާމެއްގެ ތެރެއިންނެވެ.

ނަމަވެސް ޔޫތު މިނިސްޓްރީން ކުރަމުން ދިޔަ އެ މަސައްކަތް ހުއްޓާލައި އެމްއެމްބީސީ އާ ހަވާލުކުރަން ނިންމީ، އުސޫލުގައި ބުނާ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުކުރެވިގެން އެ މަރުހަލާގެ ތެރޭގައި ބައެއް މީޑިއާތަކަށް މާލީ އެހީތެރިކަމަށް އެދި ހުށަހެޅިފައި ނުވުމުން، އިންސާފެއް ނެތް ކަމަށް ބުނެ ބައެއް މީޑިއާތަކުން ޝަކުވާ ކުރުމާއި އެ ފަދަ ޝަކުވާތައް ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް ގެންގޮސް، އެފަރާތްތަކަށް ފުރުސަތު ލިބޭނެ ގޮތް ހަދައިދޭން އެދެމުން ދިޔުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.