ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުން އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:30ގައި އިމާދުއްދީން ސްކޫލުގައި ކަމަށެވެ. އަދި ހީނާ ވަނީ ގަލޮޅުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
ރައީސްގެ މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވޭ ބައްދަލުވުމެއްކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުނު އިރު އެ މަނިކުފާނު ވަނީ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރަކުރައްވާފައިވާއިރު، ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
