ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މައުރޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޮޑުކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 12:24 ހާއިރުގައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަނިކޮށް މައުރޫފް ޒާކިރު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫން ކަމަށެވެ. އަދި އޭނާ މިހާރު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ..
މައުރޫފް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޑޮކްޓަރަށް ދެއްކުމަށް އަމިއްލައަށް އެދިވަޑައިގަތުމުން ކަސްޓޯޑިއަލްގައި އެވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ހިފަހައްޓަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި މިފަދަ ސައްހަނޫން މައުލޫމާތު ޝާއިއުކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ.
ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ކުށްވެރިކޮށް ފުލުހުން ވަނީ މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.
