ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީތަކަށް މަސްވެރިންނަށް ފަސޭހައިން އެދެވޭނެ 'މަސްވެރިޔާ' ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ރ. ދުވާފަރުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިިނިސްޓަރު މުހައްމަދު އަމީންއެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިން ބޭނުންވާ ބީއެމްއެލްގެ އިސްލާމީ ފައިނޭންސިން ހިދުމަތްތަކަށް އެދި ހުށަހެޅޭނެއެވެ. އެގޮތުން ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރުމަށް ބޭނުންވާ ފައިނޭންސަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމާ، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމުގެ އިތުރުން އުޅަނދު ބަނުމާއި މަރާމާތު ކުރުމަށް ބޭނުންވާ ފައިނޭންސަށް ހުށަހަޅޭނެއެވެ. އަދި ލުއި ފައިނޭންސިންގެ ދަށުން މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރާ ފައިނޭންސިންއަށް ހުށަހެޅޭނެއެވެ.
މި ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ހިދުމަތްތައް ވެސް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށެވެ.
