ހުޅުމާލެއިން ޓޯ ކުރާ އުޅަނދުތައް އަނބުރާ ގެންދިއުމަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި އޭގެ ފަހުންވެސް އުޅަނދު ނުގެންދާނަމަ ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުންނަ އުޅަނދުތައް ނެގުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި ވެސް ގަވާއިދާ ހިލާފަށް ޕާކު ކުރަމުންދާ އުޅަނދުތައް ޓޯ ކުރަމުންދާއިރު އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ނެގުމަށް މި މަހުގެ 1 ވަނަ ދުވަހު ހާއްސަ އިއުލާނެއް ގެޒެޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޖޫރިމަނާއެއް ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ދިޔުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ޓޯ ކުރެވޭ އުޅަނދުތައް ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ ވެރިފަރާތުންކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނެފައި ވަނީ، މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އަދި ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ނުގެންދާ އުޅަނދުތަކާ ގުޅޭގޮތުން އަމަލު ކުރަމުންދާ އުސޫލުގެތެރެއިން އަމަލު ކުރަމުންދާނެ ކަމަށް ވެއެވެ. އެގޮތުން ޓޯ ކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިއުލާންކޮށް އުޅަނދާއި ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވެއެވެ. އަދި އެ މުއްދަތު ތެރޭގައި ވެސް އުޅަނދު އަނބުރާ ނުގެންދާ ނަމަ ގާނޫނާއި ގަވާއިދުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކުރަން ފެށީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ ކުރިން ސިލްސިލާކޮށް ފުލުހުން ދިޔައީ މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ.