​​​ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މިއީ ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ސޮލިއުޝަންތައް އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ޕްރޮމޯޓްކޮށް، ކުރިއެރުވުމަށް ބެންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ. ​​​ބީއެމްއެލް އާއި އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި މިއަދު ގާއިމުކުރި އެއްބަސްވުމަކީ 2026 ވަނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅި މުހިންމު އެއް ބިންގާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޓްރައި ޕާޓީ އެއްބަސްވުމުގެ ދަށުން، އޭޝިއާގެ މާކެޓްތަކުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތް ކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައި ގަތުމަށް ފަސޭހަކޮށް ދިނުމާއި މި މަންޒިލްތަކުން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ލުއި ފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށް ބިއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަންސް ތައާރަފްކުރުމަށް ބީއެމްއެލްއާއި އަލިޕޭ+ އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށް ދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ހިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗާތައް ހިމެނުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

​​​ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، " އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާއެކު މި ވެވުނު ސްޓްރެޓީޖިކް އެއްބަސްބުންތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މި އެޅުނީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުން ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ އަދި ލުއިފަސޭހަ ޕޭމަންޓް ހައްލުތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ދުވެލި އަވަސްކުރުމަށް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމްޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާ ކަމާއެކު މޮނިޓާ ކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި މެނޭޖް ކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.