ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޒްމީލް ނިޔާވި ހަބަރު އެއްސެވީ ނުހަނު އަސަރާއި ހިތާމައާއެކު ކަމަށެވެ.

މަރްހޫމްގެ އާއިލާއަށާއި ސްޓެލްކޯގެ ވެރީންގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރްހޫމް އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައި ދިޔަ ހާދިސާއެއްގައި ސްޓެލްކޯ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން ފުރަތަމަ އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށް ފަހު އިތުރު ފަރުވާއަށްއޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. އެއަށް ފަހު ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަނޑގެ ވަގުތެއްގައި އޭނާ ވަނީ އިތުރު ފަރުވާއަށް ތައިލޭންޑަށް ފުރުވާލާފައެވެ.