ވެނެޒުއޭލާގެ މަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ނަމުގައި އެމެރިކާއިން ހިންގާ އޮޕަރޭޝަނުގައި މާސިންގާ ތެޔޮ ބޯޓަކަށް އަރާ އެ ބޯޓު ހިފައިފިއެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގެ އައްސޭރިފަށާ ކައިރިން މާސިންގާ ތެޔޮބޯޓެއް ހިފައިފި ކަމަށާއި، އެއީ މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ބޯޓު ކަމަށެވެ. އަދި ކުރިއަށް އިތުރު އޮޕަރޭޝަންތައް ހުރި ކަމަށް ވިދާޅުވަމުން އޭނާ ވަނީ ބޯޓުގައި ހުރިނަމަ ހުރި ތެލެއް އެމެރިކާއިން ނަގާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މި ހާދިސާއާ ގުޅިގެން، މިއީ ސީދާ ކަނޑުފޭރުމުގެ އަމަލެއް ކަމަށާއި ވެނެޒުއޭލާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ވެނެޒުއޭލާއިން ވަނީ ބުނެފައެވެ. އަދި ކޮންމފަދަ އަގެއް ދައްކައިގެންވެސް ގައުމުގެ އިސްތިގުލާލައި މިނިވަންކަން ހިމާޔަތް ކުރާނެ ކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެ ތެޔޮ ބޯޓު ހިފެހެއްޓުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ބަންޑާރަ ނައިބު ޕޭމް ބޮންޑި ވިދާޅުވީ، އެ ބޯޓު ހިފެހެއްޓީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށް ވެނެޒުއޭލާއިން އީރާނަށް ތެޔޮ ގެންދާތީ ކަމަށެވެ.
އޭނާ އެހެން ވިދާޅުވި އިރު، ދުނިޔޭގެ ތެލުގެ ރިޒާވުގެ އެންމެ ބޮޑު އަދަދެއް އޮންނަ ވެނުޒުއޭލާގެ އިތުރުން އީރާނަކީ ވެސް ތެޔޮ ނަގާ ގައުމެކެވެ. އެހެން ކަމުން އީރާނުން ތެލަށް ޖެހިގެން ވެނެޒުއޭލާއިން ތެޔޮ ގެންދާކަމަށް ދޭހަވާ ގޮތަށް އެމެރިކާއިން ވާހަކަ ދެއްކުމަކީ އޮޅުވާލުމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ބައިނަލްއަގުވާމީ ސިޔާސީ މަޝްރަހު އެނގޭ ފަރާތްތަކުން ބުނަނީ، އެމެރިކާއިން ބޭނުންވެގެން އުޅެނީ ވެނެޒުއޭލާގެ ތެޔޮވަޅުތައް އަތްދަށުލާން ކަމަށާއި އެމަގަށް ކުރާ މަސައްކަތުގައި މަސްތުވާތަކެތީގެ ވާހަކަ އާއި ވަގަށް ތެޔޮ ބޭރުކުރުމުގެ ވާހަކަ އަކީ ދައްކާ ބަހަނާއެއް ކަމަށެވެ.
ޓްރަމްޕް ވަނީ ވެނެޒުއޭލާއަށް ވަރުގަދަ އިންޒާތުތައް ދެއްވައި އެގައުމުގެ އެތެރޭގައި އެމެރިކާގެ ޖާސޫސުންވެސް ހަރަކާތްތެރިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވެނެޒުއޭލާއާއި އެމެރިކާ އަދި ޕެސިފިކް ކަނޑުގެ އިތުމަތީ ސަރަހައްދުން ދަތުރުކުރާ ވެނެޒުއޭލާގެ އުޅަނދުތައް ގޮއްވާލާނެ ކަމަށް ވެސް އިންޒާރު ދެއްވާފައެވެ. މިހާތަނަށް ޖުމްލަ 22 އުޅަނދެއް ގޮއްވާލާފައި ވާއިރު އެމެރިކާއިން ބުނަނީ އެއީ މުޅީންވެސް މަސްތުވާތަކެތި އުފުލާ އުޅަދުތައް ކަމަށެވެ. އެމެރިކާގެ މި އަމަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދާދިފަހުން ހިނގި މިފަދަ އެއް ހާދިސާއެއްގައި، އުޅަނދު ގޮއްވާލުމުން ސަލާމަތް ވެ ކަނޑުވެފައި ތިބި މީހުންގެ ގަޔަށް ބަޑިޖަހާ މަރާލި މައްސަލައެއް ވަނީ ފެންމަތިވެ އެމެރިކާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އެކަމުގެ ދިފާއުގައި އެމެރިކާއިން ބުނަނީ، އެމީހުންގެ ގަޔަށް ބަޑިޖަހަން ގައުމުގެ އިސްވެރިން އަމުރު ނުކުރައްވާ ކަމަށާއި، އެއީ އަސްކަރީ އޮޕަރޭޝަނުގެ ޖެނެރަލްގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
ދުނިޔޭގެ ތެލުގެ ރިޒާވުގެ ތެރެއިން 300 ބިލިއަން ފީފާގެ ތެޔޮ ވެނެޒުއޭލާގައި ހުރި އިރު، އެ ގައުމަކީ މިހާރުވެސް ދުވާލެއްގެ މައްޗަށް 900،000 ފީފާގެ ތެޔޮ ބޭރު ކުރާ ގައުމެކެވެ.
