ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މޯލްޑިވްސް އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މި ކާޑަކީ ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ މެޓަލް ކާޑަށްވާއިރު މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން ވެސް ބީއެމްއެލްއިން ބުނީ، ހާއްސަ ޕްރިވިލެޖްތަކާއެކު ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ހިދުމަތް ލިބޭ ވަސީލަތްތައްތައް ގާއިމުވެގެން ދިޔުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން އިތުރުވަމުންދާއިރު ކަސްޓަމަރުން މިފަދަ ހިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމެއް ކަމަށެވެ.

ވިސާ އިންފިނިޓް ކާޑަކީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ އަދި އެ ކާޑާ ވާދަ ނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ ކާޑެކެވެ. މި ކާޑުގެ މަޝްހޫރުކަމާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ހަރުދަނާ މަގާމާއި އަދި އެ ކާޑުން ލިބޭ ފައިދާތަކުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މަތީ ފަންތީގެ އަދި އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށް ކަމަށް ވެއެވެ.

ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ހިދުމަތްތައް ލިބޭނެއެވެ. މީގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރަޔޯރިޓީ ރިސަވޭޝަން ހިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސާޓްތަކަށް ހާއްސަ އެކްސެސް އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެލީޓް ކްލަބް މެމްބާޝިޕް ލިބޭނެއެވެ. އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ހިދުމަތްތަކާއެކު، ޑިޖިޓަލް ހިދުމަތްތައްވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ވިސާ އިންފިނިޓް ކާޑު ތައާރަފް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިންގ ހިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. މި ކާޑުން ކަސްޓަމަރުންނަށް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ހިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެ އަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރު، މި ކާޑާއެކު އަނެއްކާވެސް ފުޅާވެގެންދާނެއެވެ. 2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީވެސް ބީއެމްއެލްއިންނެވެ. އަދި މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ ތައާރަފްކޮށްފައެވެ. ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ.