ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޝަކީބު އައްޔަން ކޮށްފައިވާކަމަށް ހާމަކޮށްފައެވެ.
މި މަގާމަށް ޝަކީބު އައްޔަންކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 29 ގައި ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ފާހަގަކުރެވޭ ގޮތުގައި ޝަކީބަކީ ޓީވީއެމްގައި ޕްރޮގްރާމްތައް ޕްރެޒެންޓްކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ.
އެގޮތުން އެހާރާއި މިހާރު، ތިޔަބޭފުޅުންގެ ފުރުސަތު، ހެއްޔަންބޯގެ އިތުރުން ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި ފަދަ ބޮޑެތި ޓީވީ ޝޯތައް ޝަކީބު ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް ޝޯ އެންމެ ފަހުން ހުށަހަޅުއްވަމުން ގެންދެވީވެސް ޝަކީބެވެ. ޑިޕާޓްމަންޓު އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވި ޝަކީބް ތައުލީމީ ދާއިރާ އިން އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުއެވެ.
