މެރިކަލްޗާ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް މެރިކަލްޗާ ސްކީމް ތައާރަފްކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި މެރިކަލްޗާ ސނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ޕިޝަރީސް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފޯރުކޮށްދޭ މާލީ އެހީތެރިކަމެކެވެ. މި ފައިނޭންސިންގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 80،000 ރުފިޔާއިން 640،000 ރުފިޔާ އާއި ހަމައަށެވެ. މި ފެސިލިޓީ އަބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް ވަނީ ހަމަޖެހިފައިެވެ.
މި ސްކީމާ ގުޅޭ ގޮތުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ދިނުމުގެ ގޮތުން ތައާރަފްކުރި ސްކީމެއް ކަމަށެވެ. ފަސޭހަ އަދި ލުއި ގޮތެއްގައި މޫދުކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިއްމު މާލީ އެހީތެރިކަމެއްކަމުގައި އޭނާ ފަހަގަކުރެއްވިއެވެ.
މީގެ އިތުރުން ބަދުރުއްދީން ވިދާޅުވީ މި ފައިނޭންސްގެ ބޭނުން ހިފައިގެން މެރިކަލްޗާ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިޔައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް އެ މަސައްކަތް ކުރިއެރުވުމަށް ހިތްވަރަކަށް ވެގެންދާނެކަމަށެވެ. އަދި ދިގި މުއްދަތަކަށް ފައިސާ ބަހާލައިގެން އަނބުރާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެކަމެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ސްކީމްގެ ދަށުން 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި ސްކީމަށް މެރިކަލްޗާ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ. މި ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭ ފަހުގެ ތާރީހަކީ ޑިސެމްބަރު 13، 2025 އެވެ.
