ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން 100 އަށް ވުރެ ގިނަ ބައިވެރިންނާއެކު ޕަބްލިކް ހެލްތް ކޮންފަރެސް 2025 ފަށައިފިއެވެ.

ވިލާ ނޯޓިކާގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ހެލްތު މިިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޕަބްލިކް ހެލްތު ކޮންފަރެންސްއަކީ އާއްމު ސިއްހަތަށް އަސަރު ކުރާ މުހިއްމު ކަންކަމާ ގުޅޭގޮތުން ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް މަޝްވަރާތަކާއި ކަމާބެހޭ ކަރުދާސްތަކާ ދިރާސާތައް ހުށަހަޅާ، އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވެ އާންމު ސިއްހަތުގެ ކަންކަމަށް ހައްލު ހޯދުމަށް ހިޔާލު ބަދަލުކުރުމަށް ބޭއްވޭ ފޯރަމްއެއް ކަމަށެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "‘އިކުއިޓަބަލް އެކްސެސް، ރެޑިއުސިން ވަލްނަރެބިލިޓީސް: އެޑްވާންސިން މައިގްރެންޓް ހެލްތު އިން ދަ މޯލްޑިވްސް" އެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 4 މީހަކުން އެކަކަކީ ބިދޭސީއެއްކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ 43 ޕަސެންޓަކީ ބިދޭސީން ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ވަރަށް މުހިއްމުކަން އެ އެޖެންސީއިން ވަނީ ފާހަގަކޮށްފައެވެ.

ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި ރާއްޖޭގައި ކޮންޓްރޯލްވެފައި ނުވަތަ ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބަލިތައް، ބިދޭސީން ރާއްޖެއަށް އަންނަ ގައުމުތަކުގައި އަދިވެސް ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ބިދޭސީން ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މާހައުލުގެ ހާލަތާއި ވިސާނެތި އުޅުމާއި މަސައްކަތްތެރިންގެ މާލީ ހާލަތު އަދި މުޖުތަމައުގައި އެމީހުން ތަހައްމަލުކުރަންޖެހޭ ތަފާތުކުރުން ފަދަ ކަންކަމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އަދި ބޭނުންވާ ސިއްހީ ހިދުމަތްތައް ލިބުމަށް އެޅޭ ހުރަސްތައް ކަމަށެވެ.

މި ހުރަސްތަކުން އަރައިގަނެ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ވިލަރެސް ކުރުމަށްޓަކައި "މައިގްރަންޓް ހެލްތު ޕޮލިސީ" ނުވަތަ ބިދޭސީންގެ ސިއްހަތުގެ ސިޔާސަތު ސަރުކާރުން މިއަހަރު ވަނީ ތަންފީޒުކުރަން ފަށަފައެވެ. މި ޕޮލިސީގައި ހިމެނޭ 5 ދާއިރާގެ ތެރެއިން 3 ދާއިރާގައި ހުރި ކަންކަމާމެދު މަޝްވަރާކޮށް، ޕޮލިސީ ތަންފީޒު ކުރުމަށް ހަރުދަނާ ހުށަހެޅުންތަކެއް މި ކޮންފަރެންސްގެ ތެރެއިން ލިބިގެންދާނެއެވެ.

ޕަބްލިކް ހެލްތު ކޮންފަރެންސް 2025 ކުރިއަށް ގެންދަނީ އެޗްޕީއޭ، ހެލްތް މިނިސްޓްރީ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ. މިއީ އިންޓަނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން (އައިއޯއެމް) އަދި ސާކް ޑިވެލޮޕްމަންޓް ފަންޑު އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ(ޑަބްލިއުއެޗްއޯ)ގެ އެހީގައެވެ.