އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް މަރާލިކަން ސާބިތުވެ، ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު މަރަން ހުކުމް ކޮށްފިއެވެ.
އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރޭ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ. އާގިލްއަށް ދިން ހަމަލާގައި އޭނާގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރި ކަމަށާއި، ވާއަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެން ގޮސްފައިވެއެވެ. އަދި އާގިލްގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތައް ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަން އެނގޭ ކަމަށް ސީން އޮފް ކްރައިމްސް އޮފިސަރު ވަނީ ހާމަކޮށްފައެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރި ކަމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރި ނަމަވެސް ހަމްދޫން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަގީލް މަރާލިކަން ހަމްދޫން ހަމްޒަތުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ކުށް ސާބިތުވުމުން، އާގިލުގެ ވާރިސުން ކަމުގައިވާ އޭނާގެ މަންމަ އާ ބައްޕަ ބޭނުންވީ ގިސާސް ހިފަންކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
