މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސް އެޅި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43އ)އެވެ. އޭނާއަކީ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ. އަލީ މަނިކު ވަނީ އެ މާރާމާރީ ހިންގި ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލާ، މާރާމާރީ ހިންގާ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން އިއްޔެއިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހުށަހެޅުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އިތުރަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވަނީ އަލީ މަނިކު ފުލުހުންގެ ބަންދުގައި ހުއްޓައި ވެއްޓި, އޭނާގެ ހަރަކާތްތައް ދަށްވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށާއި އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނައުމަށް އަމުރުކޮށްފައެވެ.
