ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ފާސްކުރި ބިލު ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައިވަނޯ، 3 ޑިސެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.

މިއީ، އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގްސަދުތައް ސާސިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަގްސަދުގައި އެކުލަވަލާލެވިފައިވާ ބިލެކެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް ޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދުނީކަމަށް ބަޔާންކޮށްފައިވެއެވެ. މި ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓާ އޮތޯރިޓީންނެވެ.

ޒަކާތު ފަންޑު އުފެދުމާއެކު، ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށް ހިންގަމުން އައި "ޒަކާތު ފަންޑު" އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ ފަންޑަށް ވަނީ ބަދަލުކޮށްފައެވެ.

މި ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭގޮތުން، ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، ޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި، ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ. އަދި ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ޒަކާތު ހައުސްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ އިދާރާގައި ބޭނުންކުރަމުންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި ޤާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުވާނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.