ނޮވެމްބަރު 30، 2025 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށާއި އޭނާގެ ގޮހޮރުން 78 ބްލެޓް ފެނުނު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށާއި އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށްވެސް ބުނެެެއެވެ.
ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވި ނަމަވެސް މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، ޑިސެންބަރު 2، 2025 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށާއި އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން ކަމަށްވެސް ބުނެއެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށްވެސް ބުންޏެވެ.
