ވަކި ފަރާތަކަށް ބުރަވެ ހަބަރާއި މައުލޫމާތު ގެނެސްދިނުމަކީ ނޫސްވެރިކަން ނޫން ކަމަށާއި އެއީ ސިޔާސީ އެކްޓިވިޒަމް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ހަބަރު ފެތުރުމުގައި 2 ފަރާތްވެސް ހަމަހަމަކޮށް، ހަގީގަތާ އެއްގޮތަށް ގެނެސްދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ނޫހެއްގެ ނުވަތަ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިއުތިރާފުވާ ހިސާބުން އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ ނޫސްވެރިކަން ނޫން ކަމަށާއި އެއީ "ސިޔާސީ އެކްޓިވިޒަމް" ކަމުގައި ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ އިމުގެ ތެރެއިން މަސައްކަތް ކުރާ އެއްވެސް ބަޔަކަށް ސަރުކާރުން ހުރަހެއް ކުރިމަތިނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުވާ ގޮތަށް އެ ފުރުސަތު ދެވެން ނޯންނާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކޮންމެ ރައްޔިތެއްގެ އަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާއި އެއީ އިލާހީ ގާނޫނު ކަމަށެވެ. އަދި އެ ގާނޫނާ ހިލާފުވުމުގެ ފުރުސަތެއް ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް ނުދެއްވާނެ ކަމަށާއި އެއީ އެމަނިކުފާނަށް އޮތް ފުރުސަތެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް އެއްވެސް ސިޔާސީ ވިސްނުމެއް ނެތި 2 ފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން 100 ޕަސެންޓް މަރުހަބާ ކިޔާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 2 ފަރާތް ހަމަހަމަކޮށް ގެނެސްދީ ހަގީގަތާ އެއްގޮތަށް ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
