ކުށެއްގެ ތުހުމަތުގައި ބަންދަށް ގެންދެވޭ ހިސާބުން އެ ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސްދެވިއްޖެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ތާޖުދީން ސްކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބަންދާމެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވާ، އެކަންކަން ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވައި، މާލީ ގޮތުންވެސް ޝަރުއީ ދާއިރާއަށް މިނިވަންކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދައިން ކަންކަން ހަމަޖެހެން ފެށުމާއެކު ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ވާނުވާ" ބަންދުގައި ތިބި ފަރާތްތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ދޫކޮށްލެވިދާނެކަމަށް ދޭހަވާފަދަ މޭރުމަކުން ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވާ ރައީސް ވަނީ "ވާނުވާ" ބަންދުގައި މިވަގުތު ތިބި މީހުންގެ އަދަދާއި އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތައް އާންމު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން "ވާނުވާ" ބަންދުގައި މިވަގުތު 347 މީހުން އެބަ ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެއީ:

  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހުން
  • މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރެވޭ 116 މީހުން
  • މާރާމާރީ ހިންގުމުގެ ތުހުމަތު ކުރެވޭ 70 މީހުން
  • މީހުން މެރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 29 މީހުން
  • ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި 20 މީހުން

މީގެ އިތުރުން ކަޅުފައިސާ ދޮވުމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުމާއި ހަށިވިއްކުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމައުގެ ތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.

އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ހުކުމެއް ކުރުމަށް ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތުގައި ކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރުކޮށްދެއްވާފައެވެ.