ސައިކަލެއް ވަގަށް ނަގައިފިނަމަ އެ ސައިކަލް އަނބުރާ ލިބެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ފަހަކަށް އައިސް ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް ގިނަވާކަން ފާހަގަކޮށް މުހައްމަދު އިބްރާހީމް ފޮނުއްވި ސިޓީގައި ވަނީ މި ހާލަތުގައި ސައިކަލުގެ ވެރިފަރާތަށް ކުރިމަތިވާ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ސައިކަލު ވަގަށް ނެގިކަން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާ ހިސާބުން އެ ވެހިކަލްގެ އަހަރީ ފީ މައާފުކުރުމަށް އެދިވަޑައިގެން މުހައްމަދު އިބްރާހީމް ވަނީ ވަގަށް ނެގި ސައިކަލް ފެނިއްޖެނަމަ އެ ސައިކަލު ގެއްލުނުއިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މި ސިޓީގައި އޭނާ ވަނީ، ދަރިވަރުންގެ ކިޔެވުމުގެ ސެޝަން ނިމޭ ގަޑިތަކުގައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް މެނޭޖްކުރަން އާންމު ޓްރެފިކް ގަވައިދުގެ އިތުރުން، ހާއްސަ އުސޫލެއް ކަނޑައަޅައި ތަންފީޒުކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.

މާލޭގައި ޓްރެފިކް މައްސަލަ ވަރަށް ބޮޑުވެފައިވާއިރު ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މި މައްސަލަ ހައްލުކުރުމަށް ގަވައިދުތައް އިސްލާހުކޮށް ފިޔަވަޅުތައް އަޅަމުންނެވެ.