ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި އަގަށް އައި ބަދަލުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާންމުކޮށްފިއެވެ.
އެޗްޑީސީއިން ބުނީ ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ގެނެސްފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށެވެ.
މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މަސައްކަތެއް ކަމާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީއިން ބުނީ ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު "މައި ހުޅުމާލެ ޕޯޓަލް"ގެ ލިންކު ބޭނުންކޮށްގެން އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައިލެވޭނެ ކަމަށެވެ. އަދި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު އެ ޕޯޓަލުގެ ތެރެއިން ހުޅުވާލާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުންވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތް ކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ. ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެކަން ވެސް އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާ ވަހިކަމާއި ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
