މާލެ ސިޓީ ކައުންސިލްގެ އެގްރީމެންޓުތަކެއް ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރާތީ ކަމަށް ވިދާޅުވެ ކައުންސިލަރު ނަހުލާ ވާހަކަތައް ދިފާއު ކުރައްވައިފިއެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެބައޮތް ކަމަށެވެ. އަދި ވީދާލާފައި ވަނީ އެ ކައުންސިލުން މި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށް ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ އެއްވެސް މެންބަރަކަށް އެއްވެސް ސަބަބަކާ ގުޅިގެން ރަސްމީ ލިޔެކިޔުމެއް ވީދުމުގެ ހުއްދައެއް ނޯންނާނެކަން ފާހަގަ ކުރައްވާ އާޒިމް އިތުރަށް ވިދާޅުވީ، ކައުންސިލްގެ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށެވެ.

"އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަކީ އަޅުގަނޑުގެ ޒިންމާއެއް.... ފުޓޭޖު އެބަހުރި، އަޅުގަނޑު އޮންނާނީ ފުލުހަށް ފޮނުވާފައި ތަހުގީގުކުރަން މިހާރު، ފުލުހަށާއި އެލްޖީއޭއަށް ވެސް ފޮނުވާފައި ވާނީ،"
މޭޔަރު އާޒިމް

މިއަދުގެ ޖަލްސާގައި ސިޓީ ކައުންސިލްގެ ލިޔެކިޔުމެއް ވީދާލިކަމަށް އިއުތިރާފުވެވަޑައިގެން ނަހުލާ ވިދާޅުވީ އޭނާ ވީދާލީ ކުރީގެ ތާރީހެއް ޖަހައިގެން ވިލިމާލޭގެ ބިމެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ލިޔުމެއް ކަމަށެވެ.

"މިދިޔަ ބުދަ ދުވަހުގެ ކައުންސިލް ޖަލްސާގައި ވިލިމާލޭގެ ގިނަ ޕްރޮޖެކްޓުތަކެއް ލިސްޓުގައި ނެތް ވާހަކަ އަޅުގަނޑު ދެންނެވުމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އަންގަވައިގެން ކަމަށް ވިދާޅުވެ، ބޯކޮށް ވާރޭ ވެހިވެހި އޮއްވައި ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެން ބެކް ޑޭޓުކޮށް ހަ މަސް ދުވަހުގެ ކުރީގެ ތާރީހެއް ޖަހާފައި އޮތް، ބިން ހަވާލުކުރާ ލިޔުން، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ގްރޫޕަށް ލާފައި އޮންނާނެ ބިން ހަވާލުކުރާ ލިޔުން،" ދިފާއުގައި ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނަހުލާ ފާހަގަ ކުރެއްވި އިތުރު ކަންކަމަކީ:

  • ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އައްޓްޑޯ ޖިމެއްގެ މަސައްކަތް ފެށުމަށް ވިލިމާލެއިން މެރީ ޖޫގޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ބިމެއް ހަވާލުކުރަން މަޝްވަރާކުރި ނަމަވެސް އެ ބިން އޮތީ އެކުންފުންޏާ ހަވާލުނުކޮށް
  • އެކަން ކައުންސިލުގެ ސަމާލުކަމަށް ގެނައުމުން ބުރާސްފަތި ދުވަހު އެ ކުންފުންޏަށް ގުޅައި، ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މާލެ ސިޓީ ކައުންސިލަށް އެކުންފުނީގެ ބޭފުޅުން ހާޒިރުކުރި
  • އަދި އެ ދުވަހު މެރީ ޖޫގޯގެ ބޭފުޅުން ލައްވާ ސޮއިކުރުވައި، އިނގިލީގެ ނިޝާން ޖެހުވި ލިޔުމުގެ ތާރީޚެއްގެ ގޮތުގައި ލިޔެފައި އޮތީ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު
  • މީގެ އިތުރުން އެ ލިޔުމުގައި ކައުންސިލްގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުހައިމިން ނަސީރުގެ މަގާމުގެ ގޮތުގައި ވެސް އޮތީ އޭނާގެ ކުރީގެ މަގާމު

ނަހުލާގެ އެ ވާހަކަތަކާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ އެސްޖީ، މުހައިމިން ވިދާޅުވީ އެ ލިޔުމުގައި ޖޫން 1، އޮތް ނަމަވެސް، ބިމާބެހޭ އެއްބަސްވުންތަކުގައި އޮންނަ ގްރޭސް ޕީރިއަޑް ގުނަން ފަށަނީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ. އަދި އެއީ އޮޅުވާލައިގެން ކުރި ކަމެއް ނޫން ކަމަށް ވެސް މުހައިމިން ވިދާޅުވި އެވެ.

އޭގެ ފަހުން މިއަދު ނަހުލާ ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިކަމުގައި ފުލުހަށް ހުށަހަޅަންޖެހޭނީ މަކަރާއި ހީލަތުން ލިޔުމެއް ހަދާ މަކަރާއި ހީލަތުން މޭރީ ޖޫގޯ ލައްވާ ސޮއިކޮށް ފިންގާ ޕްރިންޓު ޖެހި ފަރާތް ކަމަށެވެ. އަދި އެ ޕޯސްޓާއެކު ނަހުލާ ވަނީ އެއްބަސްވުމާ ގުޅޭ ލިޔެކިޔުންތައް ވެސް ހިއްސާ ކުރައްވާފައެވެ.

https://www.facebook.com/story.php?story_fbid=10173035177650006&id=761570005&mibextid=wwXIfr&rdid=lwggdJyyyD3wZZ6W#

މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ނިންމައިލީ އެ ބަހުސް އިތުރަށް ހޫނުވެ، ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުންނެވެ. އަދި އާޒިމް ވަނީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަދެއްކުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.