މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ މީހަކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވި މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ވަނީ އޭނާ ވަކިކުރަން ނިންމާފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާޒީ ފާއިޒު ވަކިކުރަން ހުށަހެޅުމުން، އޭނާ ވަކިކުރަން ފެންނަކަމަށް 56 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އޭނާ ވަކިކުރަން ނުފެންނަ ވޯޓު ދެއްވީ 8 މެންބަރެކެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މި އަހަރު އޮކްޓޯބަރު މަހު ފާއިޒް ވަނީ ސަސްޕެންޑުކޮށްފައެވެ.

ޖޭއެސްސީން ބުނީ، ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ގާޒީ ފާއިޒު އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާކަމަށެވެ. ފަނޑިޔާރަކު ސަސްޕެންޑް ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަކަށް ފާއިޒު ސަސްޕެންޑުކޮށްފައިވާއިރު، ފާއިޒު ވަނީ މީގެކުރިންވެސް 60 ދުވަހުގެ މުއަދަތަށް ސަސްޕެންޑު ކޮށްފައެވެ.