ލޭބަ ސެންޓަ އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ހޯދުމަށް ހުށައަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އޯއައިސީގެ ލޭބަ ސެންޓަރުގައި ބައިވެރިވުމަށާ، އެ ސެންޓަރުގެ ސްޓެޓިއުޓްގައި ރާއްޖެއިން ސޮއިކޮށް، ތަސްދީގު ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ސިޓީގައި ވަނީ، ނޮވެންބަރު 10، 2025 ގައި ބޭއްވި ވަޒީރުންގެ މަޖިހިލީހުގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ލޭބާ ސެންޓަރުގައި ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށެވެ.
ލޭބާ ސެންޓަރަކީ، ގާނޫނީ ގޮތުން ވަކި ޝަހުސެއްކަމަށްވާތީ، އެ ސެންޓަރުގައި ބައިވެރިވެވޭނީ އެތަނުގެ ގަވަނިން ޑޮކިއުމެންޓުގައި ސޮއިކޮށް ތަސްދީގު ކޮށްގެން ކަމަށްވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ. މި މައްސަލަ ދިރާސާ ކުރެއްވުމަށް ރިޔާސަތުން ވަނީ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
2023 ވަނަ އަހަރު އުފެދުނު، އޯއައިސީގެ ލޭބާ ސެންޓަރަކީ އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިޖުތިމާއީ އެކި ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ގާނޫނީ ގޮތުން ވަކި ޝަހުސެއްގެ ގޮތުގައި އުފައްދާފައިވާ އޯއައިސީގެ ސްޕެޝަލައިޒްޑް އިންސްޓިޓިއުޝަނެކެވެ.
