ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ ފައްޓަވާފައި ވާ މަޝްވަރާތަކުގައި އިއްޔެ ރަޝިއާއަށް ފޮނުއްވި މަންދޫބުން ހުސް އަތާ ނިކުންނަވައިފިއެވެ.

ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ދަނބި ދަރި ޖެރާޑް ކުޝްނާ، ރަޝިއާގެ ކްރެމްލިން އަށް ވަޑައިގެން އިއްޔެ ވަނީ 5 ގަޑިއިރުގެ ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން ކްރެމްލިން އިން ބުނީ، ކުރިއެރުންތަކެއް ލިބުނު ނަމަވެސް އެމެރިކާއިން ހުށަހެޅި ޕްލޭންގައި ހިމެނޭ ބައެއް ކަންކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންވެސް ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާތަކާ ގުޅިގެން ޕުޓިން ވިދާޅުވީ، ޔޫކްރައިން އާއި ޔޫރަޕުގެ ހުށަހެޅުންތައް ހިމަނާ އެމެރިކާއިން ބަދަލުތައް ގެނެސްފައި ވާ ޕްލޭން ބަލައިނުގަނެވޭނެ ކަމަށެވެ.

"ޔޫރަޕުން ހަނގުރާމައެއް ބޭނުން ނަމަ އަހަރެމެން މިހާރުވެސް ރެޑީ" އިތުރަށް ޕުޓިން ވިދާޅުވިއެވެ.

ކްރެމްލިންގެ މި ވާހަކަތަކާ ގުޅިގެން ޓްރަމްޕްގެ މަންދޫބުން އަދި ކޮމެންޓެއް ނުކުރައްވައެވެ.

ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައި މީޑިއާ އަށް ލީކްވި މި ޕްލޭން އޭރު އޮތް ގޮތުން ބުރަވަނީ ރަޝިއާ ކޮޅަށެވެ. ނަމަވެސް އިއްޔެ ރަޝިއާއާއެކު މަޝްވަރާއަށް ދިޔަ އިރު، ޔޫރަޕާއި ޔޫކްރައިންގެ ޑިމާންޑްތަކާ އެއްގޮތަށް އެމެރިކާއިން ވަނީ ޕްލޭނަށް އިތުރު އިސްލާހުތައް ގެނެސްފައެވެ.

އިއްޔެގެ ބައްދަލުވުމާ ގުޅޭ ގޮތުން ޕުޓިންގެ އިސް މުޝީރު ޔޫރީ އުޝަކޯވް ވިދާޅުވީ، ބައެއް ނުކުތާތަކާ މެދު އެއްބަސް ވެވުނު ނަމަވެސް 'ގޮތްދޫކޮށް އެއްބަސްވާން ޖެހޭ ގޮތެއް" އަދި ނެތް ކަމަށެވެ.

ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު އެންމެ ބޮޑު ހިޔާލުތަފާތުވުން އޮތީ، ރަޝިއާއިން ހިފި ޔޫކްރައިންގެ ބިންތައް ދޫކޮށްލަން ޔޫކްރައިން ދެކޮޅު ހެދުމާއި ޔޫކްރައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި ބޭރުގެ އަސްކަރީ ބާރެއް ޔޫކްރައިންގައި ބެއިތިއްބުމާ މެދު ރަޝިއާއިން ދެކޮޅު ހެދުމެވެ.

2022 ގައި ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދޭން ފެށީ، ނޭޓޯގެ މެންބަރަކަށް ޔޫކްރައިން ވުމަށް މަސައްކަތް ކުރުމާއި ޔޫކްރައިންގައި ނޭޓޯގެ ބާރުތައް ގާއިމުވުމަށް މަސައްކަތް ކުރަމުން ދިޔުމުންނެވެ.

ޕުޓިން ވިދާޅުވީ، ކުއްލިއަކަށް ރަޝިއާ ބަލިކޮށްލެވިދާނެ ކަމަށް ޔޫރަޕަށް ހީވާ ހީވުމަކީ ހުވަފެނެއް ކަމަށާއި ރަޝިއާއިން ޔޫރަޕާ ހަނގުރާމައަށް ދާން ބޭނުން ނުވި ނަމަވެސް، ޔޫރަޕުން ކުއްލިއަކަށް ހަނގުރާމައަކަށް ދާން ބޭނުންވެ ހަމަލާ ފަށާއިފި ނަމަ ރަޝިއާ ތައްޔާރު ކަމަށެވެ.

އިއްޔެގެ މަޝްވަރާތަކާ ގުޅިގެން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، ޓްރަމްޕްގެ މަންދޫބުންގެ ފަރާތުން މަޝްވަރާތަކުގެ ތަފްސީލަކަށް އިންތިޒާތު ކުރައްވަމުން ގެންދަވާ ކަމަށެވެ.