އެފްއޭއެމުން އިއްޔެ ފެށި އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ނިންމައިފިއެވެ.
ފީފާގެ އެހީތެރިކަމާއެކު ފޯރުކޮށްދޭ މި އެހީ މި އަހަރު 6 ޓީމަކަށް ލިބިގެން ދާނެއެވެ. ފީފާގެ ޕެކޭޖް މެދުވެރިކޮށް ޖުމުލަ 600،000 ރުފިޔާ ގެ ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާއިރު އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގްގެ ދައުވަތަކަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުގައިވަނީ، ރާއްޖޭގެ ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
10 އަހަރަށް ފަހު އިއްޔެ ފެށި އެފްއޭއެމް އަންހެން ލީގު ކުރިއަށް ދާނީ ޑިސެންބަރު 23 ގެ ނިޔަލަށެވެ. މި މުބާރާތް ކުރިޔަށްދާނީ ފީފާގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް ލީގު އުސޫލުންކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
ލީގު ފޯމެޓަށް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ގަލޮޅު ދަނޑުގައެވެ. މެޗެއްގައި 35 މިނިޓްގެ ދެ ހާފް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ދެ މެޗު ދޭތެރެއިން ކޮންމެ ޓީމަކަށްވެސް އެންމެ މަދުވެގެން ދެ ދުވަހުގެ ބްރޭކެއް ލިބޭގޮތަށް އުސޫލު ކަނޑައަޅާފައިވާއިރު ހަމަޖެހިފައިވާ އިރު މި މުބާރާތް ކޯޓު ސައިޒަކީ ފުލް ދަނޑެވެ.
މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމްތަކަކީ ޓީސީ ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ބިސްބުރު ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، އޮޑި ސްޕޯޓްސް ކުލަބު އަދި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.
