ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ވިލާ ގްރޫޕްގެ ފަރާޓުން 100،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ ސީއީއޯ އިބްރާހިމް ސިޔާދު ގާސިމް އެވެ. ލަންކާގެ ހައި ކޮމިޝަންގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން އެވެ،

ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 38 މީޑީއާއަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ފައިސާ ބަލައިގަތުމުގެ ވަގުތު މެންދުރު ފަހު 2:00 ހަމައަށް ވަނީ ހަމަވެފައެވެ. ވަގުތު ހަމަވި އިރު މިހާރު މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ފަންޑޫ ފޮށިތައް ވަނީ ގުނަން ފަށާފައެވެ.

އަދި ފަންޑު ފޮށިތައް ގުނާ ނުނިމުނު ކަމުގައި ވިޔަސް މި ވަގުތާ ހަމައަށް މި ޓެލެތޯނަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 11،015،854.65 ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ލިބުނު 43،681.31 ޑޮލަރާއެކު ޖުމްލަ 11،689،420.45 ރުފިޔާ ވަނީ ލިބިފައެވެ.

މި ޓެލެތޯނަށް އާންމުންގެ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބިގެން އަންނަ އިރު މަޝހޫރު ވިޔަފާރިތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެ ގޮތުން ވިލާ ގްރޫޕްގެ އިތުރުން ޗަމްޕާ ރިސޯޓްސް އިން ވަނީ 10،001 ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ސަން ސިޔާމް ގްރޫޕުގެ ފަރާތުން ލަންކާއަށް ލައްކަ ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، މަރުވި މީހުންގެ އަދަދު ވަނީ 355 އަށް އަރާފައެވެ. ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤގައުމުގެ ކާރިސާތަކާ ބެހޭ އިދާރާ އިން ބުނެއެވެ.

ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭ އިރު، 180,000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.