ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މ. ފެހިވިދުވަރުގެ، އިސްމާއީލް ޝަމްއޫން އާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސޯލިހުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުތާ ޖެނެރަލް އޮފީހުން ބުނީ، އެ ދެމީހުންގެ މައްޗަށް ގާނޫނު ނަންބަރު: 9/2014 ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ދީނާ ސޯލިހަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ފަރާތެވެ. އަދި ޝަމްއޫނަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑުގެ ގޮތުގައި ހުންނެވި ފަރާތެވެ. ޖޫން 25، 2018 ދުވަހު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެން ޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބި ދިނުމުގައި މި ދެމީހުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަސާސީ އަދަބެއްގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކުރެވޭނެ ކަމަށް ޕީޖީން ބުނެއެވެ.
މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައަށް ވާއިރު ފެނަކައިގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން ވެސް ވަނީ 2019 ވަނަ އަހަރު "ބްލޭޒަން އިންކް" ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލަ ސާބިތުވެ 4 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
ހަމައެއާއެކު ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ކުރީގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދާއި ސައީދުގެ މައްޗަށް އުފުލި ދައުވާއެވެ. އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި އެ މައްސަލަ ވެސް ކޯޓުގައި ހިނގަމުން އެބަދެއެވެ. މީގެ އިތުރުން ވެސް އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުން ވެސް ފެނަކަ ތެރޭގައި އޭރު ހިނގި ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތަކެއް ފާހަގަކޮށް، ސައީދުގެ އާއިލީ ގާތް ގުޅުން އޮން ކުންފުނިތަކަށް ފައިސާ ދޫކޮށްފައިވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
އެގޮތުން ސައީދުއާ ގުޅުންހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 49,778,099 ރުފިޔާގެ އެއްބަސްވުން ހަދާ އެ ކުންފުނިތަކަށް މިދިޔަ އަހަރުގެ ނިޔަލަށް 31,124,418 ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސައީދުގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏާއެކު ހަދާފައިވާ 90 އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި އޭނާގެ ޅިޔަނެއްގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހަދާފައިވާ 2 އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި މަސައްކަތްތަކެވެ.
