ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް 11.69 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 38 މީޑީއާއަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ފައިސާ ބަލައިގަތުމުގެ ވަގުތު މެންދުރު ފަހު 2:00 ހަމައަށް ވަނީ ހަމަވެފައެވެ. ވަގުތު ހަމަވި އިރު މިހާރު މާލޭގެ އެކި ސަރަހއްދުތަކުގައި ބަހައްޓާފައި ހުރި ފަންޑޫ ފޮށިތައް ވަނީ ގުނަން ފަށާފައެވެ.
އަދި ފަންޑު ފޮށީތައް ގުނާ ނުނިމުނު ކަމުގައި ވިޔަސް މި ވަގުތާ ހަމައަށް މި ޓެލެތޯނަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 11،015،854.65 ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ލިބުނު 43،681.31 ޑޮލަރާއެކު ޖުމްލަ 11،689،420.45 ރުފިޔާ ވަނީ ލިބިފައެވެ.
"ސިލޯނާއެކު ދިވެހީން" ޓެލެތޯންގައި ވާހަކަފުޅުދައްކަވަމުން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވަނީ ލަންކާއަށް އެހީވުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މުޅި ގައުމު ގުޅިގެން އަވަށްޓެރި ގައުމަކަށް އެހީވުމަށް މަސައްކަތް ކުރުމަކީ ދެ ގައުމުގެ ގާތް ގުޅުން ހާމަވެގެންދާ ކަމެއް ކަމަށާއި މިއީ ދެ ގައުމުގެ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ޓެލެތޯނަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ ކުރިން ޓެލެތޯނަކީ ކޮބައިކަންވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ޓެލެތޯން ފެށިގެން ލިބެމުންދާ އެހީ ފެނި ފެންކަޅިވި ކަމަށެވެ. މިފަދަ ހަރަކާތެއްގައި ލިބޭ އެއްޗަކަށް ވުރެ ބޮޑަށް މި ދަތި ދަނޑިވަޅުގައި ދިވެހީން ލަންކާގެ ރައްޔިތުންނާއެކު ތިބިކަން ސާބިތުކޮށް ދިނުމަކީ އެންމެ މުހިންމުކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމަކުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަ އެއްޗެއް ކަމުގައި ހީވިނަމަވެސް އެއީ ހަގީގަތުގައި ލަންކާގެ ރައްޔިތުންނަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ..
