ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު އެ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މި އަހަރު އޮކްޓޯބަރު މަހު ފާއިޒް ވަނީ ސަސްޕެންޑުކޮށްފައެވެ.
ޖޭއެސްސީން ބުނީ، ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ގާޒީ ފާއިޒު އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާކަމަށާއި އެހެންވެ، 60 ދުވަހުގެ ސަސްޕެންޝަނެއްގައި ހުންނެވި ފާއިޒު ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކޮށް، ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަކަށް ފާއިޒު ސަސްޕެންޑުކޮށްފައިވާއިރު، ފާއިޒު ވަނީ މީގެކުރިންވެސް 60 ދުވަހުގެ މުއަދަތަށް ސަސްޕެންޑު ކޮށްފައެވެ.
