މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، އޭނާ މުގައްރިރުކަން ކުރެއްވި އިޖުތިމާއީ ކޮމިޓީން މިއަދު ވަކިކޮށްފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ބަދަލު ގެނައިކަން އިއުލާނުކުރައްވާފައެވެ.

އެގޮތުން، އަސްމާއްތަ މުގައްރިރުކަން ކުރައްވަމުން ގެންދެވި އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ ވަކިކޮށްފައެވެ. އަދި، އެ ކޮމިޓީއަށް އަސްމާއްތަގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ހަމަޖައްސާފައިވާކަން ރިޔާސަތުން ވަނީ އަންގަވާފައެވެ.މި ބަދަލު ގެނައީ ކީއްވެ ކަމެއް ރިޔާސަތުން އިއުލާންކޮށްފައި ނުވާއިރު، މިހާރު އަސްމާ އިންނަވަނީ ގެދޮރުވެރިކަމާ ގުޅޭގޮތުން މަޖިލީހުން އުފެއްދި ކޮމިޓީގައި އެކަންޏެވެ.

އަސްމާ ކޮމިޓީން ވަކިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާ އެކުގައި ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނު ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައްޔިތުން ސުވާލު ކުރަން ބޭނުންވާނަމަ އެކަން އަންގައިދިނުމަށް އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަސްމާގެ މި އެންގުމާއި ގުޅިގެން ރައީސް ވަނީ ރައްޔިތުންނާއެކުގައި ބާއްވަވާ ބައްދަލުވުންތަކުގައި ރައީސްއަށް ބޭނުން ސުވާލެއް ކުރެއްވޭނެ ކަމަށާއި ބައްދަލުވުމަށް ފަހު ސިޓީ، ނޯޓެއް ދެއްވަން ބޭނުންފުޅު ނަމަ، ސީދާ އެމަނިކުފާނު އަތްޕުޅަށް އެރުވޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އަސްމާ ނެރުނު ބަޔާނެއްގައި ބުނީ ޑިސެންބަރު 4 ވަނަ ދުވަހު މާފަންނު ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމާއި ގުޅޭ ގޮތުން އެ ދާއިރާގެ މެންބަރެއްގެ ހައިސިއްޔަތުން ފޮނުވި މެސެޖުގެ މާނަ އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ދަުރުކުރަމުން އަންނަކަމަށެވެ.