ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ނޮވެމްބަރު 29، 2025 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ލިބުނު މައުލޫމާތާއި ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ހުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންނެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި ބިދޭސީންނަކީ:
- ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ)
- ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ)
- ޝަހުޒޮޑަހޮން ރުސްތަމޯވާ (28އ)
- އުމިޑަބޮނޫ ނެމަޓޯވާ (34އ)
މި 5 މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ފައިސާ ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
