15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިންމައި އެ މިސްކިތްތައް އަންނަ ރޯދަ މަހުގެ ކުރިން ހުޅުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަޝްރޫއުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމަށެވެ.

އެގޮތުން ހއ. ދިއްދޫގައި ގާއިމްކުރެވުނު އިސްލާމީ މަރުކަޒާއި މިސްކިތަކާއި އިސްލާމީ ކުތުބުހާނާއެއްގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި މިއަދު ހުޅުވިގެންދިޔަކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށެވެ. އެގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫއުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިމި ރަމަޟާންމަހުގެ ކުރިން އެ މިސްކިތްތައް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިސްކިތުގެ މަޝްރޫއުތަކުގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެެސް އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.