މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއެކުގައި ބާއްވަވާ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ކުރައްވަން ބޭނުންވާ ސުވާލުތައް ދުރާލާ ހުށަހަޅަން ޖެހޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާ އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ރައީސް މިހާރު ދަނީ މާލޭ ސަރަަހައްދުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލު ކުރެއްވުމަށް އެކި ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން ވިލިމާލޭގެ ރައްޔިތުންނާ އެކުގައި ބާއްވާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެރޭ ވިލިމާލޭގައެވެ.

އަދި އެއަށްފަހު މާލޭ މައްޗަންގޮޅި ރައްޔިތުންނާ މި މަހުގެ 25 ވަނަ ދުވަހު ބައްދަލު ކުރައް،ވާ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައި ވެއެވެ. އެ ބައްދަލުވުމުގައި ރައްޔިތުން ރައީސާ އަމާޒު ކުރެއްވި ހޫނު ސުވާލުތަކާ ގުޅިގެން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާ މި ދަނޑިވަޅުގައި މަޖިލީހުގެ މެންބަރަކު ވަނީ، ރައީސް ބާއްވަވަން ނިންމަވާފައިވާ ބައްދަލުވުމެއްގައި ކުރާނެ ސުވާލުތައް ދުރާލާ ފޮނުވައިދިނުމަށް އެދި ދާއިރާގެ މެންބަރުންގެ ގްރޫޕަކަށް މެސެޖުކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށައަޅަންޖެހޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

"މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ހިޔާލާއި ކަންބޮޑުވާކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް އަމަލު ކުރައްވާނީ އެ އުސޫލުން
ހީނާ

ހަމަ އެހެންމެ އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވާނެ ކަމަށް ވެސް ހީނާ ވިދާޅުވެފައި ވެއެވެ.

އަދި ރައީސް ވެސް ވަނީ އެމަނިކުފާނާ ބޭނުން ސުވާލެއް ކުރެއްވޭނެ ކަމަށާއި ބައްދަލުވުމަށް ފަހު ސިޓީ، ނޯޓެއް ދެއްވަން ބޭނުންފުޅު ނަމަ، އެކަން ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވަން ބާއްވާ ބައްދަލުވުންތަކަކީ ސީދާ އެމަނިކުފާނާ ސުވާލުކޮށް، ސިޓީ ހަވާލުކޮށް އަދި ދަންނަވާލަން ބޭނުންވާ ވާހަކައެއް ވިއްޔާ ސީދާ ދަންނަވާލެވޭ ގޮތަށް ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ. މި ނޫން ގޮތަކަށް ރައްޔިތުން ގާތު ބައެއް މެންބަރުން މެސެޖްކޮށް ދަންނަވަމުން ދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ މާލޭގެ ހުރިހާ އަވަށްތަކުގެ މީހުންނާ ބައްދަލު ކުރައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ހަފުތާއަކު ދެ ދުވަހު ވެސް ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.