އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައިސް ވިދާޅުވީ، ލަންކާގެ މޫސުން ގޯސްވެ އެ ގައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ހިތާމަކުރާ ކަމަށެވެ. އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މިދިޔަ ހަފްތާއިން ފެށިގެން ލަންކާއަށް ބޯކޮށް ވާރޭވެހެމުންދާއިރު، ތޫފާން "ދިޓްވާ" އާއި ގުޅިގެން އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ރަތް އިންޒާރުވެސް ނެރެފައެވެ.
އިރުމަތީ އައްސޭރިފަށުގައި އުފެދެމުން އައި ކޮޅިގަނޑު، ފަހުން ވަނީ ތޫފާނަކަށް ބަދަލުވެފައިވާއިރު ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 47 މީހުން މަރުވެ، 21 މީހަކު ގެއްލިފައިވާ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.
މިއީ ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު މޫސުމީ އެއް ކާރިސާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ލަންކާ އަކީ ރާއްޖޭގެ ގިނަބަޔަކު ދިރިއުޅެމުންދާ ގައުމަކެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ އެއްވެސް މީހަކަށް ވިއްސާރައިގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.
