ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދެމުންދިޔަ 175،000 ރުފިޔާ އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.

ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭގޮތަށް އެ އިސްލާހުގައި ވާއިރު، ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖަނަމަ އެ ދައުރު ހަމަވަންދެން ނުވަތަ ދައުލަތުގެ މަގާމަކަށް ހަވާލުވެއްޖެނަމަ އެ މަގާމެއްގެ މުއްދަތުގައި ގާނޫނުން އެ ރައީސަކަށް ދޭ އިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭން ބޭރުގައި ކުރީގެ ރައީސަކު ދިރިއުޅޭނަމަ، އެ މުއްދަތުގައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުނުވާނެ ކަމަށް މި އިސްލާހުގައިވެއެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ ދިނުމަށް މި އިސްލާހުގައި ހުށަހަޅާފައިވެއެވެ. ކުރީގެ ނައިބު ރައީސުންނާއި ދިވެހިރާއްޖެއާއި ދިވެހިރާއްޖެިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މި އިސްލާހުގައިވެއެވެ.

ކުރީގެ ނައިބު ރައީސަކު ވެސް އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމެއް ހަވާލުވެއްޖެނަމަ އެ މަގާމެއް އަދާކުރަމުންދާ މުއްދަތުގައި މާލީ އިނާޔަތުގެ ގޮތުގައި ދިނުމަށްހަމަޖެހިފައިވާ 25،000 ރުފިޔާގެ އިނާޔަތް މެދުކެނޑޭނެކަން މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ގައުމަށް ދިމާވާ އިގުތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ހާލަތެއްގައި ސަރުކާރުން ބޭނުންވާ ގޮތަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކަށް ބަދަލު ގެނެވޭނެ ކަމަށް ވެސް މި އިސްލާހުގައިވެއެވެ.