ހުޅުމާލެ ބާ އިންޖީޏުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ހުޅުމާލޭ އިންޖީނުގޭގައި މިއަދު ހިނގި ހާދިސާއާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައި ދިޔަ ހާދިސާއެއްގައި މިއަދު ސްޓެލްކޯ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައި ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. މި ހާދިސާ އާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާ އާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށް ދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ފޯރުކޮށް ދިނުމަށް މުވައްޒަފުގެ އާއިލާ އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. ހަމައެއާއެކު މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ފަށާފައި ވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެމުން އަންނަ ކަމަށް ވެސް ބުނެއެވެ.
މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެ ފަދަ ހުރިހާ އަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާ މައުލޫމާތު ފެތުރުމުން ވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަނިޔާވި މުވައްޒަފުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކުން ރަސްމީ އިދާރާތަކުންނާއި މި ކުންފުނީގެ ފަރާތުން ހާމަކުރާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
