ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ސިނާއަތުގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންއެވެ.

މިހާރު ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާ އޮންނަ ގޮތުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށެވެ. އަދި ހިންގުމަށް ބޭނުންވާ މަޝްރޫއޫއެއްގެ ތަފްސީލާ އެކު، އެތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުށްޔަށް ދިނުމުންނެވެ.

މީގެ އިތުރުން ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ރިސޯޓެއް ތަރައްގީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކޮށްގެންނެވެ.

އެ މައްދާއަށް އިތުރު އަކުރެއްގެ ގޮތުގައި ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކަނޑައެޅޭ ވަކި ޝަރުތުތަކާ އެކު ދޫކުރެވޭ ގޮތަށް ހެދުމަށް މި އިސްލާހުގައިވަނީ ހުށަހަޅާފައެވެ. މި ބިލުގައިވާ ގޮތުން މި ގޮތަށް ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނެ ޝަރުތުތައްވެސް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ސްއޯއީއަކަށް މިގޮތަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން އަދި އެފަދައިން ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅު އަދި އެތަނެއްގެ ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ވަޒީރުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެކަމަށެވެ. އަދި ދައުލަތުގެ ކުންފުންޏަށް އެތަނެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި ދޫކުރާ ތަނަށް ދަކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެކަމަށާއި އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއޫއަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މި އިސްލާހުގައިވާ ގޮތުން ޔޮޓް ބަނދަރު ހިންގުމަށް ވެސް ރަށްރަށާއި ފަޅު ބިން ދައުލަތުގެ ކުންފުނިތަކަށް ދެވޭ ގޮތަށް ހިމަނާފައިވެއެވެ.